ރާއްޖޭގައި ދެމުން އަންނަ ސިއްހީ ހިދުމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޒަމާނީ ލޭޒާ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ ބައެއް އޮޕަރޭޝަންތައް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު ފަށައިފިއެވެ.
އައިޖީއެމްއެޗްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023، 2024 އަދި މިދިޔަ އަހަރު ޑޮކްޓަރުންގެ އޯޕީޑީތަކަށް ދައްކަން އައި ވަރަށް ގިނަ ބަލި މީހުންނަކީ މިފަަދަ ބަލިތަކަށް ބޭސް ކުރަން ޖެހުނު މީހުންނެވެ. މި ބަލިތަކަށް ކުރިން ކުރަމުން އައި ފަރުވާގެ ތެރޭގައި ހިމެނޭ އޮޕަރޭޝަން ފަރުވާތަކަކީ އޭގެ ސަބަބުން ބަލިމީހާ ގިނަ ދުވަހު ހޮސްޕިޓަލްގައި ބާއްވަން ޖެހޭ އަދި އޮޕަރޭޝަނަށް ފަހު ބަލި ފަސޭހަވެ ރަނގަޅުވާން ގިނަ ދުވަސް ނަގާ އަދި ތަދުވުމާއި ވޭން ގިނަ ދުވަހު ތަހައްމަލު ކުރަން ޖެހޭ ފަރުވާތަކެވެ. ނަމަވެސް މި ބަލިތަކަށް ލޭޒާ ސާޖަރީގެ ފަރުވާ ދެވެން ފެށުމުން މިކަންކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕަރޭޝަންތަކުގެ ތެރެއިން ހަތަރު ވައްތަރުގެ އޮޕަރޭޝަން މިއަދުން ފެށިގެން ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނެ ވަސީލަތްތައް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކަމަށެވެ.
މި ހަތަރު އޮޕަރޭޝަނަކީ ފައިގެ ލޭނާރުތައް ދުޅަވެ، ގޮށްޖެހުމުން (ވެރިކޯސްވެއިންސް) ކުރާ އޮޕަރޭޝަން އެންޑޯވީނަސް ލޭޒާ ޓްރީޓްމަންޓް (އީވީއެލް) އާއި ފުރަގަސްފަރާތު ބަލި (ޕައިލްސް) އަށް ކުރާ ލާޒަރީ ސާޖަރީ ކަމަށްވާ ލޭޒާ ހެމޮރޮއިޑޯޕްލާސްޓީ އާއި ފުރަގަސްފަރާތު އުފެދޭ ދޮސް އަންނަ މަގު އެނަލް ޕިސްޓުލާ އަށް ކުރާ އޮޕަރޭޝަން ކަމަށްވާ ފިސްޓުލާ ޓްރަކްޓް ލޭޒާ ކްލޯސާ (ފިލަކް) އާއި ޕައިލޯނީޑަލް ސައިނަސް އަށް ކުރާ ލޭޒާ އޮޕަރޭޝަން ކަމަށްވާ ސައިނަސް ލޭޒާ ކްލޯޒާ (ސިލަކް) އޮޕަރޭޝަނެވެ.
މި އޮޕަރޭޝަންތަކުގެ ސަބަބުން ބަލި މީހުންނަށް ލިބޭނެ ފައިދާތަކަކީ:
1- ބޮޑު ތަނެއް ކަފާލުމަކާ ނުލައި އޮޕަރޭޝަން ކުރެވި ރަނގަޅުވުން
2- ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ނުޖެހުން ނުވަތަ ހޮސްޕިޓަލްގައި އޮންނަން ޖެހޭ މުއްދަތު ކުޑަވުން
3- ތަދުވުން ކުޑަވުން
4- އަވަހަށް ފަސޭހަ ރިކަވަވެ، ކުރިން ކުރަމުން އައި މަސައްކަތް އަވަހަށް ކުރެވެން ފެށުން
5- އިންފެކްޝަންވެ ދޮސްގަތުމުގެ ފުރުސަތު ކުޑަވުން
އައިޖީއެމްއެޗުން ވިދާޅުވީ މި ހިދުމަތް ދޭން ބޭނުންވާ ސާމާނާއި ތަކެތި ހޯދުމުގެ އިތުރުން ޑިޕާޓްމަންޓް އޮފް ސާޖަރީގެ އޮޕަރޭޝަން ޑޮކްޓަރުންނާއި އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދުމަށް އިންޑިއާގެ ހޮސްޕިޓަލްތަކުގައި ކަމާގުޅޭ ވޯކްޝޮޕްތަކުގައި ބައިވެރިވެ މިކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ބަލި މީހުންނަށް ލުއި ފަސޭހަ ގޮތަކަށް ފަރުވާ ކުރެވޭނެ ނިޒާމު ގާއިމުކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދޭ ކުރިއަރާފައިވާ ފަރުވާ ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވަވާ ކަމެކެވެ.
ޚިޔާލުތައް (0)
އަދި އެއްވެސް ޚިޔާލެއް ލިޔެފައެއް ނެތް. ފުރަތަމަ ޚިޔާލު ލިޔުއްވާ!
ޚިޔާލު ލިޔުއްވާ