ގުދުރަތީގޮތުން ރީތި ބޮޑު ފަޅަކާއި، ހިތްގައިމު ގޮނޑުުދޮށެއް ލިބިފައިވާ ފ. އަތޮޅުގެ ހުޅަނގު ދުނީީގައި އޮތް ހިމިއްޗަކީ މިހާރު ފަޅު ރަށެއް ނަމަވެސް އިހުގައި ވަރަށް ތަނަވަސް ރަނގަޅު ބަޔަކު ދިރިއުޅުނު ރަށެކެވެ. އެދުވަސްވަރަށް ބަލާއިރު ޢުމުރާނިގޮތުން އެންމެ ތަރައްޤީ އެއް ރަށްވެސް މެއެވެ. މިގޮތުން އަމިއްލަ ބަނޑު އޮޑިފަހަރުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅުނު މީހުން މިރަށުގައި ދިރިއުޅުނެވެ.
ހިމިއްޗަކީ ހިސާބު ޢިލްމާއި، ނަކަތްތެރިކަމާއި ނުޖޫމީ ޢިލްމުގައި ރާއްޖޭގައި އެންމެ ކުރިއަރައިގެން ދިޔަ ރަށެކެވެ. ހިމިތީ މީހުން މަޝްހޫރުވެފައިވަނީ ބޮޑުއަކުރުލިޔުމަށާއި،ނަކަތްތެރިކަމަށާއި، ހިސާބު ޢިލްމަށެވެ. މިރަށުގައި ނިޔަމިކަން ދަސްކޮއްދޭ މަރުކަޒެއް ހުރިކަމަށްވެއެވެ. ހިސާބު ޢިލްމަށް މަޝްހޫރު ބައެއް ޢިލްމުވެރިން މިރަށުގެ އާއިލާތަކުން އުފެދިފައިވެއެވެ. މިގޮތުން ނިޔަމިކަމުގެ ޢިލްމަށާއި ހިސާބު ޢިލްމަށް ރާއްޖޭގެ ތާރިޙްްގައި މަޝްހޫރު އަބުދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތަކީވެސް ހިމިތީ ބޭފުޅެކެވެ. އަބުދުﷲ އިސްމާޢީލުގެ ހަނދާން ދިރުވާ އާލާކުރުމުގެ ގޮތުން މަޒީވެ ދިޔަ އަހަރުތަކެއްގައި ވަނީ މި އަތޮޅުގެ ސުކޫލު ތަކަށް އަމާޒުކޮއްގެން އެވޯޑް އިމްތިޙާނު ތަކެއް ބާއްވާފައެވެ. އަބުދުﷲ އިސްމާޢީލްގެ ހަނދާނުގައި މިއަތޮޅު ނިލަންދޫގައި ސަރުކާރުން ބިނާކޮއްދެއްވާފައިވާ ލައިބްރަރީއެއް ހުރެއެވެ. ފ.މަގޫދޫ ގައި އަތޮޅުވެރިކަން ކުރިއިރު އަބުދުﷲ އިސްމާޢީލްގެ ހަނދާނީ ލައިބްރަރީއެއް މަގޫދަުގައި ހުއްޓެވެ. ހިމިއްޗަށް ހިސާބު ޢިލްމު އައިގޮތާގުޅޭގޮތުން ތަފާތު ވާހަކަތައް އައިސްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކިހިސާބުތަކުގައި ހިމިއްޗަށް ނިސްބަތްވާ މުހިއްމު ޝަހުސިއްޔަތުތަކާއި ދަރިކޮޅުތަކެއް އުފެދިފައިވެއެވެ.
ހިމިތީގައި ދުވަސްވީ ދެޒިޔާރަތެއް ހުރިއިރު އޭގެ ތެރެއިން އެއްޒިޔާރަތަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ހިމިތީ ޝެއިޚު އަލިބެ (ބޯހުނި އަލިބެ)ގެ ޒިޔާރަތެވެ. ބޯހުނި އަލިބެ އަކީ ނާލާފުށީ މީހެއްކަމަށް ވެސް ބުނުއުޅެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުން މީހުން ނަދުރު ފުއްދުމަށް މި ޒިޔާރަތަށް އައިސް އުޅުނެވެ. މި ޒިޔާރަތްދޮށުގައި މީހުން ކިރުމަށް ބޭނުންކުރަނީ ވަރަށް މޮޅަށް ތައްޔާރުކޮއްފައި ހުންނަ ބޯހުންޏެއް ކަމަށާއި މިބޯހުނި ނުބައިނުވެ ވަރަށް ގިނަ ދުވަހު ހުންނަކަމަށް ވެެއެވެ. މީގެ އިތުރުންބޯހުނި އަލިބެ އާއި ބެހޭގޮތުން މަޝްހޫރު ވާހަކައެއް ކިޔައިއުޅެއެވެ.
މިރަށުގެ ހުޅަނގުފަރާތުގައި ހުންނަ ޒިޔާރަތަށް "ލައްވި ޒިޔާރަތޭ" ކިޔައި އުޅެއެވެ. މި ޒިޔާރަތަކީ ހިމިއްޗަށް ލައްވި ޒިޔާރަތެއް ކަމަށް ބުނެއުޅެއެވެ. މީގެ އިތުރުން މިރަށުގައި ވަރަށް ބޮޑު އާސާރީ ގަލެއް އޮވެއެވެ. މިގަލަކީ އެޒަމަާނުގައި ހަތް ފުރެއްދެ އޮޑީގެ ބޭރުގައި ލުމަށް ބޭނުންކުރާ ދެލި ތަޅާން ބޭނުންކުރަމުން އައި އާލާތެއްކަމަށް ވެއެވެ.
ހިމިތީގައި ކުޅި އާއި ގުޅިފައިވާ ކަނޑޫ ފައު އެއް އޮވެއެވެ. ނަމަވެސް މިތަނުގެ ރީތިކަން މިހާރު ވަނީ ނެތިގޮސްފައެވެ.
1970 އަހަރުގެ ކުރިންމިރަށުގައި މީހުން ވަޒަންވެރިވެ އުޅެފައިވެއެވެ. ހިމިތީން މީހުން ފައިބައި ހިމިތި ފަޅުވެފައިވަނީ އިބްރާހީމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރުގައި ކަމަށް ވެއެވެ. ހިމިތީ ގިނަ މީހުން ހިޖުރަކޮއްފައިވަނީ ކ.މާފުއްޓާއި، ފ.ނިލަންދޫ އާއި ފ.ފީއަލީ އަށެވެ. އަދި މިނޫން ބައެއް ރަށްރަށަށް ބައެއް މީހުން ހިޖުރަކޮއްފައިވެއެވެ. ހިމިތީ މީހުން ފޭބިކަމަށްވަނީ އެރަށުގައި މީހުން މަދުވެ ދިރިއުޅުމަށް ދަތިވެގެންނެވެ. މިގޮތުން އެއް ވާހަކަ އަކީ ހިމިތީ ފަޅުގެ އިރުއުތުރުފަރާތުގައި ބޮޑު ފިނޮޅެއް އުފެދި މި ފިނޮޅު ބޮޑުވެގެން އައިސް ހިމިއްޗާއިގުޅި ހިމިތި ގިރައި ފަޅުވާނެ ވާހަކައެވެ. އަދި ކުރިން ހިމިތި އޮތްތަނުން މަސްބާނައިގެން ކައިއުޅޭނެ ވާހަކައެވެ. މިހާރު ހިމިއްޗާއި ގުޅިފައިވަނީ އެފިނޮޅު ކަމަށާއި މިފިނޮޅަށް"ތޮފެސްދޫ" މިނަން ކިޔައިއުޅެވެ. މީގެ އިތުރުން މިރަށް ފަޅުވިގޮތާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ކިޔައިއުޅެއެވެ.
މިހާރު ފަޅުރަށެއް ނަމަވެސް އަދި ހިމިތީގައި މީހުން ވަޒަންވެރިވާނެކަމަށް ދުވަސްވީމީހުން ބުނެއުޅެއެވެ.
ޚިޔާލުތައް (0)
އަދި އެއްވެސް ޚިޔާލެއް ލިޔެފައެއް ނެތް. ފުރަތަމަ ޚިޔާލު ލިޔުއްވާ!
ޚިޔާލު ލިޔުއްވާ