ރިއާލް މެޑްރިޑާއެކު 450 މެޗު ކުޅެދީ، 14 ލަނޑު ކާމިޔާބުކޮށްފައިވާ އުމުރުން 34 އަހަރުގެ ޑެނީ ކާވަހާލް އެ ކްލަބާއެކު ވެފައިވާ އެއްބަސްވުން އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.
މެޑްރިޑަށް އުފަން މި ކަނާތްފަރާތު ޑިފެންޑަރަކީ ކްލަބުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާގެ އިތުރުން، 27 ތަށްޓާއެކު ކްލަބުގެ ހަގީގީ ލެޖެންޑެކެވެ. 2002 ވަނަ އަހަރު ކްލަބުގެ އެކަޑަމީން ފުޓުބޯޅައިގެ ތެރެއަށް ވަން ކާވަހާލް، ބަޔާ ލެވަކޫސަންގައި ހޭދަކުރި ކާމިޔާބު ސީޒަނަށްފަހު 2013 ވަނަ އަހަރު އަލުން އެނބުރި މެޑްރިޑާ ގުޅުނީ އެއްބަސްވުމުގައި ހިމެނޭ 'ބައި-ބެކް ކްލޯޒް' އެކްޓިވޭޓް ކުރުމުންނެވެ.
ކާވަހާލް ވަނީ ޖުމްލަ ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މިއީ ފުޓުބޯޅަ ތާރީޚުގައި އެންމެ ފަސް ކުޅުންތެރިންނަށް ލިބިފައިވާ ޝަރަފެކެވެ. ނަމަވެސް، އޭނާ ފާހަގަވެގެން ގޮސްފައިވަނީ މި ހަ ފައިނަލުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ހަމައެކަނި ކުޅުންތެރިޔާގެ ގޮތުގައެވެ.
މެޑްރިޑާއެކު އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި 4 ފަހަރު ލަލީގާ، 2 ފަހަރު ކޮޕާ ޑެލް ރޭ، 6 ކްލަބް ވޯލްޑް ކަޕް، 5 ޔޫއެފާ ސުޕަ ކަޕް އަދި 4 ސްޕެނިޝް ސުޕަ ކަޕް ހިމެނެއެވެ. ބައިނަލްއަގުވާމީ މައިދާނުގައި ވެސް ސްޕެއިންގެ ގައުމީ ޓީމަށް 51 މެޗު ކުޅެދީ، 2023 ވަނަ އަހަރުގެ ނޭޝަންސް ލީގާއި 2024 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްދިނުމުގައި އޭނާ ވަނީ ނަމޫނާ ދައުރެއް އަދާކޮށްފައެވެ.
ޚިޔާލުތައް (0)
އަދި އެއްވެސް ޚިޔާލެއް ލިޔެފައެއް ނެތް. ފުރަތަމަ ޚިޔާލު ލިޔުއްވާ!
ޚިޔާލު ލިޔުއްވާ